• 1. ގަދަފަދަވެގެންވާ ގޮތުގައި (كافر ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ.

  • 2. އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمن ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ.

  • 3. އަދި ކަލާނގެ أمر ފުޅުތަކާއިގެން ދަތުރުކުރައްވާ ملائكة ން ގަންދެއްވަމެވެ.

  • 4. އަދި (مؤمن ންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكة ންނާއިއެވެ.

  • 5. އަދި (ދުނިޔޭގެ) ކަންތައްތައް تدبير ކުރެއްވުމުގައި އުޅުއްވާ ملائكة ންނާއިއެވެ.

  • 6. (ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ.

  • 7. އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ.

  • 8. އެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ.

  • 9. އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ.

  • 10. އެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟

  • 11. ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟

  • 12. އެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ.

  • 13. ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ.

  • 14. ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشر ބިމުގައެވެ.

  • 15. موسى ގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟

  • 16. طوى އޭ ކިޔުނު مقدّس ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ.

  • 17. فرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.

  • 18. އަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! كافر ކަމުން طاهر ވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟

  • 19. އަދި ކަލޭގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ކަލޭ ބިރުވެތިވުމަށްޓަކައެވެ.

  • 20. ފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ معجزة ދެއްކެވިއެވެ.

  • 21. ފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ.

  • 22. ދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ.

  • 23. ފަހެ، (އޭނާގެ لشكر) އެއްކުޅައެވެ. އަދި ގޮވައިލިއެވެ.

  • 24. ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.

  • 25. ދެން آخرة އާއި، ދުނިޔޭގެ عقوبات އެއްގެ ގޮތުން اللَّه އޭނާ ހިއްޕެވިއެވެ.

  • 26. ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި عبرة އެއްވާކަން ކަށަވަރެވެ.

  • 27. ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ.

  • 28. އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ.

  • 29. އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ.

  • 30. އެއަށްފަހު، ބިން ފެތުރުއްވިއެވެ.

  • 31. އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ.

  • 32. އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ.

  • 33. (އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.

  • 34. ފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: قيامة ދުވަސް އަންނަހިނދެވެ.)

  • 35. އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ.

  • 36. އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ.

  • 37. އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ.

  • 38. ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!

  • 39. ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.

  • 40. އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!

  • 41. ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.

  • 42. قيامة ގެ وقت އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ.

  • 43. އެކަން بيان ކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟

  • 44. އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ.

  • 45. ކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ.

  • 46. އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.

ޙިއްސާ
logo
logo
logo
logo