• 1. ى س (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
  • 2. حكمة ތެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ.
  • 3. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ.
  • 4. ސީދާވެގެންވާ މަގެއްގެ މަތީގައެވެ.
  • 5. އެ ފޮތަކީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެ ބާވައިލެއްވި ފޮތެވެ.
  • 6. އެއުރެންގެ ކާބަފައިންނަށް إنذار ކުރައްވާފައިނުވާ ބަޔަކަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. ފަހެ، އެއުރެންނީ غافل ވެގެންވާ ބަޔެކެވެ.
  • 7. ހަމަކަށަވަރުން، އެއުރެންކުރެން ގިނަމީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު حق ވެއްޖެކަން ކަށަވަރެވެ. ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ.
  • 8. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. ފަހެ، އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް ހުންނަހުށްޓެވެ. ފަހެ، އެއުރެންވަނީ ބޯތައް އުފުލިގެންނެވެ.
  • 9. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ.
  • 10. އަދި ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު إنذار ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެންވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ.
  • 11. ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، قرآن އަށް تبع ވެ، غيب ގައި رحمن ވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު ދެއްވާށެވެ!
  • 12. ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ عمل ތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ أثر ތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ.
  • 13. ރަށެއްގެ أهل ވެރިންގެ ވާހަކަ مثال އެއްގެ ގޮތުގައި، ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! (އެއީ) އެއުރެންގެ ގާތަށް رسول ން ވަޑައިގަތްހިނދުގައެވެ.
  • 14. ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ދެ رسول ން ފޮނުއްވިހިނދެވެ. ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ތިންވަނަ ބޭކަލަކު ފޮނުއްވުމުން، އެ ދެބޭކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންނެވެ.
  • 15. އެއުރެން ބުނޫއެވެ. ތިމަންމެންފަދަ آدم ގެދަރިން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. އަދި رحمن ވަންތަ ރަސްކަލާނގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ.
  • 16. އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންކަން، ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ.
  • 17. އަދި بيان ވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ.
  • 18. އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުންގެ ސަބަބުން ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބޭކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަ ތިމަންމެން ތިޔަބޭކަލުން رجم ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި عقوبات ލިބިދާހުށިކަން ކަށަވަރެވެ.
  • 19. އެބޭކަލުން ވިދާޅުވޫއެވެ. ތިޔަބައިމީހުންގެ ސުންޕާކަންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ތިޔަބައިމީހުންނަށް (حق ގޮތް) ހަނދާންކޮށްދެވުނަސް (އެއީ، ސުންޕާކަމެއް ކަމުގައި ބަލަނީ) ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.
  • 20. އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އެ رسول ންނަށް تبع ވާށެވެ!
  • 21. ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ.
  • 22. އަދި އިސްވެދިޔަ مثال އަކާ ނުލައި، ތިމަން އުފެއްދެވި ކަލާނގެއަށް ތިމަން އަޅުކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.
  • 23. އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ތިމަން ހިފަންވީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެތަކެތީގެ شفاعة ތެރިކަމުން ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި އެތަކެއްޗަށް ތިމަން ސަލާމަތެއްވެސް ނުމެކުރެވޭނޭމެއެވެ.
  • 24. އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންވާހުށީ ފާޅުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
  • 25. ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ!
  • 26. ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ!
  • 27. އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ލެއްވިގޮތް، ތިމަންގެ قوم ގެމީހުން ދަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ؟
  • 28. އޭނާއަށްފަހު، ތިމަންރަސްކަލާނގެ އޭނާގެ قوم ގެމީހުންގެ މައްޗަށް އުޑުން (ملائكة ންގެ) لشكر އެއް ބާވައެއް ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ (އެފަދަ لشكر އެއް) ބާވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ.
  • 29. އެއުރެންގެ عقوبات އަކީ ބިރުވެރި އެންމެ އަޑެއް ކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެހާރުން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.
  • 30. އަޅުތަކުންގެ މައްޗަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެބޭކަލަކަށް އެއުރެން ފުރައްސާރަކުރާގޮތުގައި މެނުވީ، އެއުރެންގެ ގާތަށް އެއްވެސް رسول އަކު ވަޑައެއްނުގަންނަވަތެވެ.
  • 31. އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ، ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް ނޭނގޭހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެން އެއުރެންގެ ގާތަށް އެނބުރިއެއް ނާންނާނެތެވެ.
  • 32. އަދި އެއެންމެންނީ (قيامة ދުވަހުން) ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާނެ ބަޔަކުކަމުގައި ނޫނީ ނުވެއެވެ.
  • 33. އަދި މަރުވެފައިވާ ބިމަކީ، އެއުރެންނަށްޓަކައި (އަލުން ދިރުމަކަށް ފޮނުއްވާނޭކަމުގެ) ހެތްކެކެވެ. ތިމަންރަސްކަލާނގެ އެ ބިންގަނޑު ދިރުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ބިމުން އޮށްޓަރު ނެރުއްވީމެވެ. ފަހެ، އެއުރެން ކައިއުޅެނީ އެއިންނެވެ.
  • 34. އަދި ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ.
  • 35. (އެއީ) އެތާނގެ މޭވާއިންނާއި، އެއުރެންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެއުރެން ކައިއުޅުމަށްޓަކައެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟
  • 36. ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެއުރެންގެ އަމިއްލަ نفس ތަކުންނާއި، އެއުރެން ނުދަންނަ ތަކެތިން، ޖޯޑުޖޯޑަށް ހުރިހާ ތަކެތި ހެއްދެވި ރަސްކަލާނގެ ހުސްطاهر ވަންތަ ކަމާއެވެ!
  • 37. ރޭގަނޑަކީ، އެއުރެންނަށްހުރި ހެތްކެކެވެ. ތިމަންރަސްކަލާނގެ ރޭގަނޑުގެ ތެރެއިން ދުވާލު ވަކިކުރައްވަމެވެ. ފަހެ، އެހާރުން އެއުރެން އަނދިރީގެ ތެރޭގައިވެއެވެ.
  • 38. އަދި އިރު، އެއަށް ކަނޑައެޅި قرار ވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ.
  • 39. އަދި ހަނދަށް ތިމަންރަސްކަލާނގެ منزل ތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.)
  • 40. ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.
  • 41. އެއުރެންނަށް ހެތްކެއްވެއެވެ. އެއީ ހަމަކަށަވަރުން، ބަރާވެގެންވާ ނަވުގައި ތިމަންރަސްކަލާނގެ އެއުރެންގެ ދަރިފަސްކޮޅު އުފުއްލަވައިދެއްވިކަމެވެ.
  • 42. އަދި އެފަދަ ތަކެތިން، އެއުރެން އަރައިގެން ދުއްވާނެ ތަކެތި އެއުރެންނަށްޓަކައި ތިމަންރަސްކަލާނގެ ހައްދަވައިދެއްވީމެވެ.
  • 43. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން غرق ކުރައްވައިފާހުށީމެވެ. ފަހެ، އެހިނދު، އެއުރެންނަށް އެހީވާނެ ފަރާތެއް ނުވެއެވެ. އަދި ސަލާމަތްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުމެވޭމެއެވެ.
  • 44. ތިމަންރަސްކަލާނގެ حضرة ން އައި رحمة އެއްގެ ގޮތުގައްޔާއި، ކަނޑައަޅުއްވާފައިވާ مدة އަކާ ޖެހެންދެން، ދެއްވާ، ދުނިޔޭގެ ވަގުތީ އުފަލެއްގެ ގޮތުގައި މެނުވީއެވެ.
  • 45. އަދި ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ އެއުރެންނަށް އަންގަވައިފިނަމަ، އެއުރެން ފުރަގަސްދީ އެނބުރިދެތެވެ.
  • 46. އަދި އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية އެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ.
  • 47. އަދި ތިޔަބައިމީހުންނަށް اللَّه ދެއްވާފައިވާ ތަކެތިން ހޭދަކޮށްއުޅޭށޭ އެއުރެންނަށް އަންގަވައިފިނަމަ، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. اللَّه އިރާދަކުރައްވާނަމަ، އެމީހަކަށް ކާންދެއްވާނެ މީހަކަށް، ތިމަންމެން ކާންދޭންވީހެއްޔެވެ؟ ފާޅުވެގެންވާ މަގުފުރެދުމެއްގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ.
  • 48. އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
  • 49. ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ. އެއުރެން އެކަކު އަނެކަކާ ދެކޮޅުވެރިވޭވެ ތިއްބައި، އެ އަޑު (އައިސް) އެއުރެން ގެންދާނެތެވެ.
  • 50. ފަހެ (އެހިނދު) އެއްވެސް وصية އެއް ކުރާކަށް އެއުރެންނަކަށް ކުޅަދާނައެއް ނުވާނެތެވެ. އަދި އެއުރެންގެ أهل ވެރިންގެ ގާތަކަށް އެއުރެން އެނބުރި ނުމެއަންނާނޭމެއެވެ.
  • 51. އަދި ތާޅަފިލި ފުމެލައްވާހުއްޓެވެ. ފަހެ، އެހާރުން އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ކަށްވަޅުތަކުން އަވަސްއަވަހަށް ނުކުމެގެންދާނެތެވެ.
  • 52. އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ތިމަންމެން ނިދަންތިބިތަނުން، އަލުން ދިރުމަކަށް ފޮނުއްވީ ކާކުހެއްޔެވެ؟ މިއީ رحمن ވަންތަ ރަސްކަލާނގެ وعد ކުރެއްވި ކަންތަކެވެ. އަދި رسول ން ވިދާޅުވި ތެދުބަސްފުޅެވެ.
  • 53. ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާފައެވެ.
  • 54. ފަހެ، މިއަދު އެއްވެސް نفس އަކަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާއެއް ނުދެއްވާނެތެވެ.
  • 55. ހަމަކަށަވަރުން، ސުވަރުގޭގެ أهل ވެރިން މިއަދުވަނީ، އުފާ ފާގަތިކަންމަތީ مشغول ވެގެންނެވެ.
  • 56. އެއުރެންނާއި އެއުރެންގެ އަނބިންވަނީ، ހިޔަލުގައި ދާންތަކުގެމަތީ ލެނގިލައިގެންނެވެ.
  • 57. އެއުރެންނަށް އެތާނގައި މޭވާތައްވެއެވެ. އަދި އެއުރެން އެދޭ (ހުރިހާ) ކަމެއް އެއުރެންނަށް (އެތާނގައި) ވެއެވެ.
  • 58. رحيم ވަންތަ ކަލެއްގެ حضرة ން އިއްވަވާ سلام ގެ ބަސްފުޅެވެ.
  • 59. އޭ ކުށްވެރިންނޭވެ! މިއަދު ތިޔަބައިމީހުން (مؤمن ންނާ) ވަކިވާށެވެ!
  • 60. އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން شيطان އާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ عداوة ތެރިޔެކެވެ.
  • 61. އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.
  • 62. އަދި ހަމަކަށަވަރުން، އެ شيطان އާ ތިޔަބައިމީހުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، ވިސްނާ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވަމުހެއްޔެވެ؟
  • 63. މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާފައިވާ ނަރަކައެވެ.
  • 64. ތިޔަބައިމީހުން كافر ވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ!
  • 65. މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު عمل ތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ.
  • 66. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ލޯތައް ކަނުކުރައްވައިފީމުހެވެ. ފަހެ، އެއުރެން މަގުން ދިއުމަށް އަވަސްވެގަންނާނެތެވެ. ފަހެ (އެހިނދު) އެއުރެންނަށް ފެންނާނީ ކޮންފަދައަކުން ހެއްޔެވެ؟
  • 67. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން ތިބިތާ ތިއްބައި އެއުރެންގެ ސިފަ ބަދަލުކުރައްވައިފީމުހެވެ. ފަހެ (އެހިނދު) ކުރިޔަށް ދިޔުމަކަށްވެސް އަދި ފަހަށް އެނބުރި އައުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ.
  • 68. ތިމަންރަސްކަލާނގެ އެމީހެއްގެ عمر ދިގުކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ دور ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟
  • 69. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ޅެން އުނގަންނަވައެއް ނުދެއްވަމެވެ. އަދި އެކަލޭގެފާނު އެކަމަކަށް އެކަށީގެނެއްވެސް ނުވެތެވެ. އެއީ ހަނދާންކޮށްދެނިވި ފޮތެއް ކަމުގައްޔާއި، ބަޔާންވެގެންވާ قرآن ކަމުގައި މެނުވީ ނުވެއެވެ.
  • 70. އެއީ ދިރިހުރި ކަމުގައިވާ މީހަކަށް إنذار ކުރެއްވުމަށްޓަކައެވެ. އަދި كافر ންގެ މައްޗަށް (عذاب ގެ) ބަސްފުޅު حق ވުމަށްޓަކައެވެ.
  • 71. ތިމަންރަސްކަލާނގެ يد قدرة ފުޅުން ހެއްދެވި ތަކެތީގެ ތެރެއިން نعم ސޫފި، އެއުރެންނަށްޓަކައި ހައްދަވާފައިވާތީ، އެއުރެންނަކަށް ނުފެނޭހެއްޔެވެ؟ ފަހެ، އެއުރެންނީ އެ ތަކެތީގެ މިލްކުވެރިންނެވެ.
  • 72. އަދި ތިމަންރަސްކަލާނގެ އެތަކެތި އެއުރެންނަށް ކިޔަމަންކޮށްދެއްވީމެވެ. ފަހެ، އޭގެތެރެއިން އެއުރެންގެ ސަވާރީތައްވެއެވެ. އަދި އެއުރެން އެ ތަކެތިން ކައި އުޅެތެވެ.
  • 73. އަދި މަންފާތަކާއި، ބުއިންތައް އެ ތަކެތީގައި އެއުރެންނަށްޓަކައިވެއެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟
  • 74. އަދި އެއުރެންނަށް نصر ލިބޭތޯ اللَّه ފިޔަވައި އެހެން إله ންތަކެއް ހިފިއެވެ.
  • 75. އެތަކެއްޗަކަށް އެއުރެންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އެތަކެއްޗަށް (خدمة ކުރުމުގައި) حاضر ކުރައްވާފައިވާ لشكر އެއް ކަމުގައި އެއުރެންވާ حال ގައެވެ.
  • 76. ފަހެ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވަމެވެ.
  • 77. ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.
  • 78. އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟
  • 79. ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
  • 80. އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ.
  • 81. އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ! އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
  • 82. އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.
  • 83. ފަހެ، އެކަލާނގެ يدقدرة ފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.
ޙިއްސާ
logo
logo
logo
logo
logo
  • 1. އަލް ފާތިޙާ
  • 2. އަލް ބަޤަރާ
  • 3. އާލް އިމްރާން
  • 4. އައްނިސާ
  • 5. އަލް މާއިދާ
  • 6. އަލް އަންޢާމް
  • 7. އަލް ޢަޢްރާފް
  • 8. އަލް އަންފާލް
  • 9. އައްތައުބާ
  • 10. ޔޫނުސް
  • 11. ހޫދު
  • 12. ޔޫސުފް
  • 13. އައް ރަޢްދް
  • 14. އިބްރާހީމް
  • 15. އަލް ޙިޖްރު
  • 16. އަންނަޙްލް
  • 17. އަލް އިސްރާ
  • 18. އަލް ކަހްފް
  • 19. މަރިޔަމް
  • 20. ތާހާ
  • 21. އަލް އަންބިޔާ
  • 22. އަލް ޙައްޖު
  • 23. އަލް މޫމިނޫން
  • 24. އަންނޫރު
  • 25. އަލް ފުރުޤާން
  • 26. އައްޝުޢަރާ
  • 27. އަންނަމްލް
  • 28. އަލް ޤަޞަޞް
  • 29. އަލް ޢަންކަބޫތު
  • 30. އައްރޫމް
  • 31. ލުޤްމާން
  • 32. އައްސަޖްދަ
  • 33. އަލް އަޙްޒާބް
  • 34. ސަބާ
  • 35. ފާތިރް
  • 36. ޔާސީން
  • 37. އަލް ޞޯއްފަ
  • 38. ޞޯދް
  • 39. އައްޒުމަރް
  • 40. އަލް ޣާފިރް
  • 41. ފުއްޞިލަތް
  • 42. އައްޝޫރާ
  • 43. އައްޒުޚްރޫފް
  • 44. އައްދުކާން
  • 45. އަލް ޖާޡިޔަ
  • 46. އަލް އަޙްޤާފް
  • 47. މުޙަންމަދު
  • 48. އަލް ފަތްޙް
  • 49. އަލް ޙުޖުރާތް
  • 50. ޤާފް
  • 51. އައްދާރިޔަ
  • 52. އައްތޫރް
  • 53. އައްނަޖްމް
  • 54. އަލް ޤަމަރް
  • 55. އައްރަޙްމާން
  • 56. އަލް ވާގިޢަ
  • 57. އަލް ޙަދީދް
  • 58. އަލް މުޖާދިލަ
  • 59. އަލް ޙަޝްރް
  • 60. އަލް މުމްތަޙާނަ
  • 61. އަލް ޞަފް
  • 62. އަލް ޖުމްޢަ
  • 63. އަލް މުނާފިޤޫން
  • 64. އައްތަޣާބުން
  • 65. އައްތަލަޤް
  • 66. އައްތަޙްރީމް
  • 67. އަލް މުލްކު
  • 68. އަލް ޤަލަމް
  • 69. އަލް ޙާއްޤަ
  • 70. އަލް މަޢާރިޖް
  • 71. ނޫޙް
  • 72. އަލް ޖިންނި
  • 73. އަލް މުޒަންމިލް
  • 74. އަލް މުއްދަޡިރް
  • 75. އަލް ޤިޔާމަ
  • 76. އަލް އިންސާން
  • 77. އަލް މުރްސަލާތް
  • 78. އަންނަބާ
  • 79. އަންނާޒިޢާ
  • 80. ޢަބަސަ
  • 81. އައްތަކްވީރް
  • 82. އަލް އިންފިތާރް
  • 83. އަލް މުތައްފިފީން
  • 84. އަލް އަންޝިޤާޤް
  • 85. އަލް ބުރޫޖް
  • 86. އައްތޯރިޤް
  • 87. އަލް ޢަޢްލާ
  • 88. އަލް ޣާޝިޔަ
  • 89. އަލް ފަޖްރް
  • 90. އަލް ބަލަދް
  • 91. އައްޝަމްސް
  • 92. އައްލައިލް
  • 93. އައްޟުޙާ
  • 94. އަލް އިންޝިރާޙް
  • 95. އައްތީން
  • 96. އަލްޢަލަޤް
  • 97. އަލްޤަދްރް
  • 98. އަލްބައްޔިނަ
  • 99. އައްޒަލްޒަލަ
  • 100. އަލްޢާދިޔަ
  • 101. އަލްޤާރިޢަ
  • 102. އައްތަކާޡުރް
  • 103. އަލްޢަޞްރް
  • 104. އަލް ހުމަޒަ
  • 105. އަލް ފީލް
  • 106. ޤުރައިޝް
  • 107. އަލް މާޢޫން
  • 108. އަލް ކައުޡަރް
  • 109. އަލް ކާފިރޫން
  • 110. އައްނަޞްރް
  • 111. އަލް މަސަދް
  • 112. އަލް އިޚްލާޞް
  • 113. އަލް ފަލަޤް
  • 114. އައްނާސް